23 ޖެނުއަރީ 2021 | ހޮނިހިރު
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހުވަދު އަތޮޅު: ދިރުންތައް ގިނަ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު

ހުވަދު އަތޮޅު: ދިރުންތައް ގިނަ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު

ހުވަދު އަތޮޅުގެ ކަނޑުއަޑީގެ މަންޒަރެއް.

ބްރިޓިޝް އެޑްމިރަލްޓީ ޗާޓުގައި ބުނާ ގޮތުންނަމަ، “ވަން އެންޑް ހާފް ޑިގްރީ ޗެނަލް” ހުރަސްކޮށް، ވަދެވޭނީ ހުވަދު އަތޮޅަށެވެ. އީކުއޭޓަރުގެ އުތުރުން ދޮޅު ޑިގްރީގައި އޮންނަ ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. އަތޮޅުގައި އެކަނި ވެސް 199 ރަށް އޮވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑު ހުރަސްކޮށް، ހުވަދޫ އަތޮޅަށް ވަނުމާއެކު ފެނުން މައްޗަށް އަރައި ނުގަނެވިހުގިރިތަކާއި ހާހަލާއި ފަރުތައް ފެންނާނެ އެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ. ރާއްޖޭގެ އަތޮޅެއްގައި މިހާ ގިނަ ދިރިއުންތައް އެއްތަނަކުން ފެންނާނެ އަތޮޅެއް ނެތެވެ.

 

ގައުމެއްގެ ތާރީހުގައި ހިނގައިދިޔަ، ބޮޑެތި ހާދިސާތަކެއްގެ ބައިވެރިއަކަށް މި އަތޮޅު ވަނީ ވެފައެވެ. ދިވެހިރާއްޖެއާ ވަކިވެ، ވަކި ދައުލަތެއް މި އަތޮޅުގެ މީހުން ގުޅިގެން އުފެއްދިއެވެ. ދެކުނު ތިން އަތޮޅު ކަމަށްވާ ހުވަދު އާއި ފުވައްމުލަކާއި އައްޑޫ ގުޅިގެން، ޔުނައިޑެޓް ސުވަދީބު ރިޕަންލިކް އުފެއްދީ 13 މާޗް 1959ގައެވެ. އެ ދައުލަތުގެ ވެރިއަކަށް އަބްދުﷲ އަފީފު ދީދީ ހުންނަވައިގެން، އިނގިރޭސީންގެ ދިދައިގެ ހިޔަލުގައި ފެށި މަސައްކަތް “ފަނޑު” ކޮށްލެއްވީ އޭރުގެ ރައީސް އިބްރާހިމް ނާސިރެވެ. ހުވަދޫ ރައްޔިތުންނަށް އަނިޔާވެރިވިއެވެ. ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫއިން މީހުން ބާލައި، މުޅި ރަށް ފަޅުކޮށް، ހަނގުރާމައިގެ ޖަރީމާތައް ހިންގިއެވެ. ތާރީހު، ސަފުހާތަކުން އެވާހަކަތައް އަދި ކިޔައިދޭނަމުއެވެ. ދުނިޔޭގެ ވެސް އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅަކީ 32،491 މީހުންގެ މައްޗަށް އެކުލެވޭ އަތޮޅެކެވެ. އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް ހިމެނޭއިރު، ނިސްބަތްވާ ރަށް ދޫކޮށް، ރަށުން ބޭރުގައި މަސައްކަތް ކުރާ އާބާދީއަކީ 12،024 އެވެ.

އިދާރީ ގޮތުން، މީގެ ބައި ގަރުރު ކުރިން ފެށިގެން ދެ އަތޮޅަކަށް ބަހާލާފައިވާ ހުވަދު އަތޮޅަކީ މަސްވެރިން ގިނަ އަތޮޅެކެވެ. ހުވަދު އަތޮޅު އުތުރުބުރި ނުވަތަ ގއ. އަތޮޅުގެ މަސްވެރިންގެ އަދަދަކީ 709 އެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރި ނުވަތަ ގދ. އަތޮޅުގެ މަސްވެރިންގެ އަދަދަކީ 742 އެވެ. ހުވަދު އަތޮޅުގެ މަސް އޮޑިދޯނި ފަހަރުގެ އަދަދު 60 އަށް އަރައެވެ. އެންމެ ގިނަ މަސްދޯނި ފަހަރު އޮތީ ހުވަދު އަތޮޅު އުތުރުބުރީގައެވެ. އެއީ 37 ދޯންޏެވެ.

“ހުވަދު އަތޮޅު އުތުރުބުރީއަކީ އެހެން އަތޮޅުތަކާ އަޅާބަލާއިރު މަސްވެރިކަން ރަނގަޅު އަތޮޅެކެވެ. މިއަތޮޅުގައި 709 މަސްވެރިން ތިބެއެވެ. އަދި މާލެ ފިޔަވައި ގިނައިން މަސްބާނާފައިވާ ކަމަށް ދައްކަނީ މިއަތޮޅުންނެވެ. ގއ. އަތޮޅުން ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކި ވާރާބެހޭ ތަފާސްހިސާބެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ،” ރާއްޖޭގެ ތަފާސްހިސާބާ ބެހޭ ގޮތް، “ފަޅު އަލި ރަތްމުތް” ފޮތުގައިވެ އެވެ. ހަ ރިސޯޓު ހުވަދޫ އަތޮޅުގައި ހުޅުވާފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން އެ އަތޮޅުގެ 33 ރަށް ނަގާފައިވެއެވެ. އިތުރު ރިސޯޓުތައް ހުޅުވި، އަތޮޅުގެ ދުވެލި ބާރުކޮށްދޭނެ މިތުރަކަށް ފަތުރުވެރިކަން ވާނެ ކަމަށް މި އަތޮޅުގެ ރައްޔިތުން ދެކެވެ.

ހުވަދު އަތޮޅުގައި އިދާރީ ގޮތުން ބަހާފައިވާ ދެ ސަރަހައްދުގައި ވެސް ދެ އެއާޕޯޓު އަޅާފައިވެ އެވެ. އެއީ ގއ. ކުއްޑޫ އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓެވެ. ފަތުރުވެރިކަމަށް އަތޮޅު ހުޅުވާލާއިރު، އިތުރު އެއާޕޯޓަކަށް އެ އަތޮޅުގެ ރައްޔިތުން އުންމީދު ކުރެއެވެ. ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށްވެފައި، އާބާދީގެ ނިސްބަތުން ކަނޑުދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުން، ހުވަދު އަތޮޅަށް އިތުރު އެއާޕޯޓެއް އުފަން ވުމުގެ ފުރުސަތު ގާތެވެ. ހުވަދު އަތޮޅަށް ތިން ވަނަ އެއާޕޯޓެއް އުފަން ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އަމިއްލަ ބަހުރުވައެއް، އަދި ނަސްރުގެ އެކި ރަހަތަކެއް ހުވަދޫ މީހުންގެ ތެރެއިން ފެންނާނެއެވެ. އަތޮޅުގެ އެކި ރަށްތަކުގައި ވެސް ބަހުރުވައިގެ ތަފާތު ހުންނާނެއެވެ. ރާގާއި އަޑާއި ކިޔައި އުޅޭ ނަންނަމުގައިވެެސް އެ ތަފާތު ފެންނާނެއެވެ. މިޒާޖާއި އުޅުމާއި ގުޅުންތައް ވެސް ތަފާތުވާނެއެވެ. ވާހަކަ ދައްކާ ރާގުން، އޭނާގެ މިޒާޖު އެނގޭނެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކާ ހިލާފަށް މި އަތޮޅަކީ އަމިއްލަ ބަހުރުވައެއް، އަދި ތާރީހެއް އޮތް، ސަގާފަތާ އެއްގޮތަށް ގުޅުންތައް ބައްޓަން ކުރަމުންދާ ބައެކެވެ. އަތޮޅުގެ ބޮޑުކަމުން، އެ ތަފާތު ފެންނަލެއް ބޮޑުވާނެއެވެ. ކުޑަ މިންވަރަކަށް، ކުޑަކޮށް ވެސް އަތޮޅުގެ ރީތިކަން ހަނދާން ނައްތާނުލެވޭނެއެވެ. ގުދުރަތީ މުއްސަނދިކަން އިތުރަށް ފެންނާނީ ފީނައި ހޯދައި، އަތްފުނާ އެޅުމުންނެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com