ގއ. ހިތާދޫއަކީ ޅޮސް ގަސްތައް ގިނަ ރަށެކެވެ. އުމުރު ދިގު ޅޮސް ގަސްތަކުން ފުރިފައި އޮތް ރަށެކެވެ. އެ ރަށުގެ ގަސްކަރައަކުން ރުކެއް ނުފެންނާނެއެވެ. ބިޔަ ބޮޑު، ޅޮސްގަތަކުން ހިޔާ އެޅިފައި އޮތް ހިތާދޫއަކީ މަސް އައިނުމަތީ އެންމެ ބޮޑު ދޫނި، ހޯރައަށް ހާއްސަވެފައި އޮތް ރަށެކެވެ. މީގެ 18 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ހިިމާޔަތްކޮށްފައިވާ ހޯރައިގެ ވަޒަނަކީ އެއީއެވެ. ދިގު ފިޔަގަނޑަކާއެކު އުޑުގެ ވިލާތަކާ ހަމައަށް އުދުހި އުޅޭ ހޯރަ ތިރިކުރަނީ ރާޢްޖޭގެ ދެ ރަށަކަށެވެ. އެއީ ގއ. ހިތާދޫގެ އިތުރުން ބ. އޮޅުގިރިއެވެ. އެ ރަށްތަކުގައި ހާލި ހަދައި، ބިސް އަޅައި އުޅެއެވެ.
މަސްވެރިންގެ މިތުރެއްގެ ގޮތުގައި، މަސް އައިނުމަތިން ބިޔަކޮށް ފެންނަ ހޯރައިގެ ދާއިމީ ވަޒަނަށް ބޮޑެތި ގެއްލުންތަކެއް މިއަދު ވަނީ ލިބެން ވަނީ ފަށާފައެވެ. ހިތާދޫގެ ބޮޑު ބައެއް މިހާރު ވަނީ ގިރާލާފައެވެ. ގިރާލާފައިވާ ސަރަހައްދުން ގިނަ ޅޮސްގަސްތަކެއް މޫދަށް ވެއްޓި، ހޯރަތަކުގެ ވަޒަން ގެއްލި ނެތިދާ ކަމުގެ އިންޒާރު ދެނީ އެ ރަށުގެ އުތުރު ފަރާތުންނެވެ. ރަށުގެ އުތުރު ފަރާތުން ބޮޑުބައެއް ގިރާލައި، މޫދަށް ގިނަ ގަސްތަކެއް ވެއްޓި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުވަދޫ ޑޮޓްކޮމަށް ވަނީ ލިބިފައެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުން ރަށުގެ އުތުރުފަރާތުގެ ބޮޑު ބައެއް ވަނީ ގިރާލާފައެވެ. އަދި ޅޮސްގަސް މޫދަށް ވެއްޓިފައިވާ ސަރަހައްދުގެ ފަސްގަނޑުން ބޮޑުބައި މޫދަށް ދަމައިގެންފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެއެވެ.

“މިއީ ކުރިން ދުވަހަކު ވެސް ފެނުނު މަންޒަރެއް ނޫން. މީގެ ކުރިން ވެސް މި ރަށް ކައިރިން ދަތުރުކުރަން. އެކަމަކު މި މަންޒަރު ފެނިފައި ރަށަށް އަރައި ފޮޓޯތަކެއް މި ނެގީ. އަސްލު ވަރަށް ދެރަ. ރަށް ގިރަން ފެށައި ބޮޑުބައި މޫދުގައި އެއޮތީ،” ހުވަދޫ ޑޮޓްކޮމާ ވާހަކަ ދައްކަމުން އެ މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މެންދުރު ވަގުތު އެ ރަށަށް ދިޔައިރު، އެ ރަށުން ހޯރައެއް ނުފެނެއެވެ. ގަހަކަށް ތިރިކުރަނިކޮށް ވެސް ނުފެނއެވެ. ރަށުގެ މަތިން ވެސް ހޯރައެއް އުނދިހި އުޅޭ މަންޒަރު ނުފެންނަ ކަަމަށެވެ. ގަސްތައް ވެއްޓިފައި ހުރުމުން، ރަށުގެ އުތުރުފަރާތު ވަލުތެރެ އޮތީ ވަރަށް ބޮޑަށް ހާމަކަން ބޮޑުކޮށް ކަމަށާއި އޭގެ ސަބަބުން ބިޔަ ގަސްތަކުން ކުރިން ހިޔާއެޅިފައި އޮތް ރަށަށް ވަރަށް ބޮޑަށް މިހާރު ހޫނުވާނެ ކަމަށް އޭނާ ބުންޏެވެ.

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ހިތާދޫއަކީ ހިމާޔަތްކޮށްފައިވާ ރަށެކެވެ. ގިނަ ފަޅުރަށްތަކެއް ވަށައިގެން އޮންނަ ހިތާދޫއަކީ އެ އަތޮޅުގެ މީހުން ގޮސް އުޅޭ ރަށެއް ނޫނެވެ. އެ ރަށުގައި ރުށް ނެތުމުން، ކާށިފަދަ ތަކެތި ހޮވަން ވެސް ނުދެއެވެ. ރަށާ ގުޅިފައިވާ ބޮޑު ފަރެއް ނެތުމުން، ފަރުމަސްވެރިކަމަށް ވެސް އެ ރަށަކަށް ބަޔަކު ކައިރިކޮށް ނޫޅޭ ކަމަށްވެއެވެ. ދަތުރުދިއުމަށް އަތޮޅުގެ މީހުން އެ ރަށް ބޭނުން ނުކުރަނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކާ ހުރެއެވެ. ތުންތުންމަތިން ވާހަކަ ދެކެވޭ ގޮތުގައި އެ ރަށުގެ ދިގު ގަސްތަކާއި ހޯރައާ ގުޅުވައިގެން އެ އަތޮޅު މީހުން ސިފަކުރަނީ އެއީ ނާމާންރަށެއްގެ ގޮތުގައެވެ.
ހަގީގަތުގައި ވެސް މިއަދު އެއީ ނާމާން ރަށެކެވެ. ނުރައްކަލުގެ ސިގުނަލް ދެމުންދާ ރަށެކެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް މޫސުމާއެކު އަންނަމުންދާ ބަދަލާއެކު، ހޯރައިގެ ދާއިމީ ވަޒަނަށް މިއަދު މިވަނީ ބޮޑު ނުރައްކަލާ ކުރިމަތިވެއެވެ. ރަށުގެ ބޮޑު ބައެއް ގިރާލައި، ޅޮސްގަސްތަކުން ހިޔާ ލިބި، ފިނި ހިޔަލުގައި އޮތް ބިމަށް، މިއަދު ގަދަ ހޫނުގެ އަސަރު ދަނީ ކުރަމުންނެވެ. ގަސްތައް ވެއްޓި، ރަށުގެ ޖަންގަލީގެ ހާމަކަން ބޮޑުވެ، ގަދަ ހޫނުގެ އަސަރާއެކު ރަށުގެ ދިރުންތައް ނެތި ދިއުމުގެ ކުރިން ރައްކާތެރިކަން ރަށަށް ބޭނުންވެއެވެ. މަސްވެރިންގެ މިތުރު، ހޯރައަށް ހިޔާވަހިކަން ކަށަވަރުކޮށްދޭން މަސައްކަތް ފަށަމާތޯއެވެ.
ރަގަޅު އާރޓިކަލްއެއް. ގއ. ހިތާދޫގެ އިތުރުން ބ. އޮޅުގިރިއެވެ. އެ ރަށްތަކުގައި ހާލި ހަދައި، ހޯރަ ބިސް އަޅާކަން ޔަގީންތަ. މީގެކުރިން އެކަން އެގިފާނުވާތީ ހަމައަހާލީ.