ގއ.ވިލިނގިލީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު އަލުން މަސައްކަތް ފެށީ، ކައުންސިލަށް އެންގުމަކާއި ނުލާ، ރައްޔިތުން ބޭނުންވި ގޮތަކަށް ނޫން ކަމަށް ވިލިނގިލީ ކައުންސިލުން ބުނެފި އެވެ.
ވިލިނގިލީ ކައުންސިލް އިދާރާ އިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެމް.ޓީ.ސީ.ސީ އިން މިދިޔަ އަހަރު ނޮވެމްބަރ މަހު 27 ވަނަ ދުވަހު ބަދަރުގެ މަސައްކަތް އޭރު ރަށުގެ ރައްޔިތުންނާއި މަސްވެރިންގެ ކަންބޮޑުވުމާއި އެކު މެދުކެނޑުމަށްފަހު މިދިޔަ އާދިއްތަ ދުވަހު އަލުން ފެށީ ކައުންސިލަށް އެންގުމަކާއި ނުލާ ރައްޔިތުން އެދުނު ގޮތަށް ނޫން ކަމަށެވެ.
”މި މަސައްކަތަކީ ރައްޔިތުންގެ އެދުމުގެ މަތިން މަޑުޖައްސާލާފައިވާ މަސައްކަތަކަށް ވީހިނދު، މަޝްވަރާގެ މަތިން މިކަން ހައްްލު ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާ ތަކުންނާއި، އެމް.ޓީ.ސީ.ސީ ގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭތީ، ޤާނޫނު ނަންމަބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)(ށ) އަދި (ޅ) އަށް ރިޢާޔަތްކޮށް، ބަނދަރުގެ މަސައްކަތް ވިލިނގިލީ ރައްޔިތުންނާއެކު އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް“ ބަޔާނުގައި ބުނެފައި ވެއެވެ.
”ހުވަދޫ“ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލީ ބަދަރުން ފެށިގެން ބޭރު ތޮއްޓާއި ހަމަޔަށް މިހާރު ހުންނަ ބޮޑު މިނަކީ 250 ފޫޓެވެ. އަދި ބަނދަރު ބޮޑުކުރަން ސަރުކާރުން ނިންމާފައިވަނީ 300 ފޫޓަށެވެ.

ބާޔާނުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތް ކުރިއަށްދާ ގޮތަށް ނިންމައިފިނަމަ އެއްވެސް ހައްލެއް ލިބިގެން ނުދާނެ ކަމަށެވެ. އަދި ވިލިނގިއްޔަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށް ވީއިރު، މިހާރު ހަދަމުންދާ ބަނދަރު ތަކާއި އަޅާބަލާއިރު ވިލިނގިލީގެ ބަނދަރު އެއައްވުރެ އަދައިގެ ގޮތަކަށް ހެދިގެން ދިއުމަކީ އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވިލިނގިލީގެ ބަނދަރު ވާންޖެހޭނީ، ރައްޔިތުން ބޭނުންވާ އަދި ސަރުކާރާއެކު އެއްބަސްވެފައިވާ ބަނދަރަކަށް ކަމަށާއި، ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ޖާގަ ބޮޑު ބަނދަރެއް ކަމުގައި ދެކޭކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ވިލިނގިލީ މަސް ދޯނި ތަކުގެ އެވްރޭޖް ސައިޒަކީ 110 ފޫޓެވެ. ރައްޔިތުން އަދި މަސްވެރިންގެ ކަންބޮޑުވުމަކީ 50 ފޫޓަށް ބަނދަރު ބޮޑު ކުރުމުގެ ބަދަލުގައި 450 ފޫޓުގެ ބޮޑު ބަނދަރަކަށް ބަނދަރު ބޮޑު ކުރުމެވެ.
ވިލިނގިލީ ކެޔޮޅަކު ”ހުވަދޫ“ އަށް ވިދާޅުވީ ”މަސްވެރިންގެ ކަންބޮޑުވުމަކީ ބަނދަރު ބޮޑު ކުރާނަމަ އެއް ދޯނި އަޅާފައި އޮންނަ އިރު، އަނެއް ދޯނި ފަސޭހަ ކަމާއި އެކު ވަދެ ނިކުމެވެން ވާނެ“ ކަމަށެވެ. އަދި އެމް.ޓީ ހޯގާޑް އިން އަޅާފައިވާ ބޭރު ތޮށި ”އެކޮލިޓީގައި“ ނުލެވޭނަމަ ރޫޅާލުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ވިލިނގިލީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ރައްޔިތުންގެ ކަންބޮޑުވުމާއި އެކު، 4 ފަހަރެއްގެ މަތިން ވަނީ ހުއްޓާލަން ޖެހިފަ އެވެ.