ގއ. ނިލަންދޫ ސްކޫލުގައި އިމާރާތްކުރާ ހަތަރު ކްލާސްރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މިކްލާސްރޫމްތައް އެޅުމަށް ހަވާލުކޮށްފައިވަނީ ވީއަވާ އިންވެސްޓްމަންޓްއާއެވެ.
މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލްއެވެ. އަދި ވީއަވާގެ ފަރާތުން ސޮއިކުރެއްވި އެކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އަސްލަމް ހުސައިނެވެ.
2.38 މިލިއަން ރުފިޔާއަށް ހަވާލުކުރި މިމަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާ މިއަހަރުގެ ދެވަނަ ސެމެސްޓަރުގައި ބޭނުންކުރަން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ.
ގްރޭޑް 10 ހަމައަށް ކިޔަވައިދެމުންދާ ނިލަންދޫ ސްކޫލުގައި 126 ދަރިވަރުން ކިޔަވަމުންދާއިރު ކިޔަވައިދޭން މިހާރު ބޭނުންކުރަމުން އަންނަނީ ހަ ކްލާސް ރޫމެވެ.