ނޫސްވެރިޔާ ހުސައިން ހަސަން އަކީ ވިލިނގިލި ފަޙުރުވެރި ދަރިއެއް ކަމަށާއި ކައުންސިލް ސަސްޕެންޑްކުރީ ޤާނޫނާ ޙިލާފަށް ކަމަށް ސަސްޕެންޑް ކުރި ކައުންސިލް ގެ ރައީސް މުސްތަފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަރމަނޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ، މިދިޔަ ފެބުރުއަރީ މަހު 16 ވަނަ ދުވަހު ފުލުހުން ރާއްޖެ ޓިވީގެ ނޫސްވެރިޔާ ހުސައިން ހަސަން އަށް ކުރި އަނިޔާއާއި ގުޅުގެން ކައުންސިލް އިން އެކަން ކުއްވެރިކޮށް ބާޔާނެއް ނެރެފައިވާތީ އިއްޔެ އިން ފެށިގެން 1 މަސް ދުވަހަށް ކައުންސިލް ސަސްޕެންޑް ކޮށްފަ އެވެ.
”ހުވަދޫ“ އަށް މައުލޫމަތު ދެމުން މުސްތަފާ ވިދާޅުވީ ވިލިނގިޔަށް އުފަން، ވިލިނގިލީ ދަރިޔަކު އޭނަގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދަނިކޮށް ފުލުހުން އަނިޔާ ކުރުމާއި ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ކަނބޮޑުވި ކަމަށާއި އަދި ކައުންސިލަށްވެސް އެކަމުގެ ކަންބޮޑުވުންތައް އާއި ކަމަށެވެ.
”ހުސައިން އަށް އަނިޔާ ކުރުމުން ކައުންސިލުން ނެރުނު ބާޔާނާއި ގުޅިގެން އެލްޖީއޭއިން ކައުންސިލް ސަސްޕެންޑް ކުރެވޭނެ ކަމަކަށް ކައުންސިލް ރައީސްގެ ހައިސިއްޔަތުން ވެސް އަދި އަމިއްލަ ހައިސިއްޔަތުން ވެސް ޤަަބޫލެއްނުުކުރަން“ މީގެ 2 މަސް ކުރިން ނެރުނު ބާޔާނަކާއި ގުޅިގެން ސަސްޕެންޑް ކުރި ކައުންސިލް ގެ ރައީސް މުސްތަފާ ވިދާޅުވި އެވެ.
”ރައްޔިތުންގެ ވޯޓަކުން ހޮވާފަ ތިބި ރައްޔިތުންގެ މަންދޫބުންތަކެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ކޮމިޓީ އަކުން ސަސްޕެންޑްކޮށް ގެޔަށް ފޮނުވާލެވޭނީ ކޮން އުސޫލަކުން ތޯ“ މުސްތަފާ ސުވާލު ކުރެއްވި އެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ ސަސްޕެންޝަންގެ ސަބަބުން ރައްޔިތުންނަށް ދޭން ހުރި ހިދުމަތްތަކާއި ކުރިއަށް ރޭވިފަ ހުރި ކަންތައްތައްވެސް މުޅިހެން ހުއްޓިގެން ދާނެ ކަމަށެވެ. ރޯދަ މަހަށް ރަށުތެރެ ޒީނަތްތެރިކުރުމާއި މާއިޒާންތައް ހެދުމާއި އަދި ތަފާތު އެކި އާމްދަނީ ލިބޭނެ ޕުރޮޤްރާމް ތައްވެސް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި ނަމަވެސް ސަސްޕެންޝަންއާއި ގުޅިގެން އެހުރިހާ ކަންތައްވެސް ހުއްޓީގެން ދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އަނިޔާ ލިބުނު ނޫސްވެރިޔާ ހުސައިން ވިލިނގިލި ކައުންސިލް ގެ ސަސްޕެންޝަން ސިފަ ކުރީ އެލްޖީއޭއިން ކުރި ލަދުވެތި އަމަލެއްގެ ގޮތުގައި އެވެ. އަނިޔާ އާއި ދެކޮޅަށް ދިވެހިން އަބަދުވެސް ބަސް ބުނާނެ ކަމަށާއި އަޅާފާނެ ފިޔަވަޅަކަށް ފަސް ނުޖެހި ހައްޤު ބަސް ބުުނުމުގައި ސާބިތުވެ ތިއްބެވުމަށް ހުސައިން އިލްތިމާސް ކުރެއްވި އެވެ.
ވިލިނގިލީ ކައުންސިލް ގެ 5 މެމްބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތް ވާ 5 މެމްބަރުން ނެވެ.