އަވައްޓެރި ޤައުމުތަކުން ކަންބޮޑު ވަނީ ރާއްޖެއިން އެ ފަރާތްތަކަށް ކޮންމެ އަހަރަކު ހަރަދުވާ ޑޮލަރު މަދުވުމުން ކަމަށް ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ތަފާތު އެކި ބޭނުމަށް ރާއްޖެއިން ކޮންމެ އަހަރަކު އަވައްޓެރި ޤައުމުތަކާއި ބޭރު ޤައުމުތަކަށް އެތަކެއް ޑޮލަރެއް ހަރަދުކުރާ ކަމަށާއި ނަމަވެސް ރައީސް ޔަމީންގެ ހިކުމަތު އަމަލީގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާ ރާއްޖޭގައި ބެހެއްޓޭ ގޮތް މަދުވަމުން އަންނަ ކަމަށެވެ.
”ރާއްޖޭގެ މިހާރު މި އެޅޭ ހޮސްޕިޓަލްތަކާއި މި ކަންކަމުގެ ސަބަބުން ބޭރު ޤައުމުތަކަށް ދާ ފައިސާ މަދުވެގެން ދޭ، ރާއްޖޭގެ އެތެރެއަށް އެފައިސާ ވަދެގެން ދަނިީ. ބޭރު ޤައުމުތަކުން ބޭނުން ނުވޭ އެގޮތައް އެކަން ވެގެންދާކަށް،“ ޝަހީމް ވިދާޅުވިއެވެ.
ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ ބޭރުގެ އެކި ޤައުމުތަކުން ލޯއަޅަމުން އަންނަ ޤައުމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭރުފަރާތްތައް މެދުވެރިކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.
.ޝަހީމް ހުވަދު އަތޮޅު ކެމްޕެއިން މި ދަތުރުފުޅުގައި މިއަދު އެ އަތޮޅު ދެއްވަދޫއަށް ވަޑައިގަންނަވާނެއެވެ.