އިއްތިހާދުގެ ނަމަކީ ސަދަން ރީޖަނަލް އެލަޔަންސް
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ގުޅިގެން ”އިންތިހާދު“ ހެދުމަށް ތާއިދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅު ވިލިނގީގައި (ގއ.ވިލިނގިލި)ގައި ކުރިއަށްދާ ތިން ވަނަ ދެކުނު މަހާސިންތާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރަހައްދީ އެލަޔަންސެއް ހެދުމަށް ދެކުނުގެ އަތޮޅުތަކުން ބޭނުންވާ ކަމަށެވެ. އެފަދަ އެލަޔަންސެއް ނުވަތަ އިއްތިހާދެއްގެ އެކުލަވާލުމުގެ ބޭނުމާ ގުޅޭ ގޮތުން ސާފުކޮށް ވާހަކަ ދައްކަން ޖެހިލުންވެގެން ނުވާނެ ކަމަށާއި އެ އިއްތިހާދުގެ ބޭނުމަކީ ދިރިއުޅުން ރަނގަޅު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރަހައްދީ އެލަޔަންސެއް ހެދުމަށް މި ފަސް އަތޮޅު އެބަ ބޭނުންވޭ. ފަހުމީގެ ވާހަކަފުޅުގައި ވިދާޅުވީ މި އެލަޔަންސަކީ ކޮން ބޭނުމަކަށް އެކުލަވާލެވޭ އެލަޔަންސެއް ކަމާ ގުޅޭ ގޮތުން ސާފުކޮށް ވާހަކަތައް ދައްކަން ޖެހިލުންވާ ކަމަށް. އަޅުގަނޑުގެ ނަޒަރުގައި ނުޖެހޭ. އެއްވެސް ގޮތަކަށް ނުޖެހޭ. ތިބޭފުޅުންގެ އެލަޔަންސްގެ ބޭނުމަކީ ވެސް ތަރައްގީ. ތިބޭފުޅުންގެ ގުޅުމުގެ ބޭނުމަކީ ވެސް ދިރިއުޅުން ރަނގަޅު ކުރުން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ދެކުނު އަތޮޅުތައް ގުޅިގެން އިއްތިހާދެއް އުފެއްދުމަށް މަޝްވަރާ ކުރުމަށް ދެކުނު މަހާސިންތާގައި ވަނީ އެޖެންޑާކޮށްފައެވެ. މަހާސިންތާގެ އެޖެންޑާގައިވާ ގޮތުން އިއްތިހާދު އުފެއްދުމަށް ހުށަހަޅަނީ އައްޑޫ ސިޓީންނެވެ. އިއްތިހާދު އުފައްދަނީ ”ސަދަން ރީޖަނަލް އެލަޔަންސް“ގެ ނަމުގައެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން، މީގެ ކުރިން ދެ މަހާސިންތާއެއް ބާއްވާފައިވާއިރު، މިއަހަރު ދެކުނު އަތޮޅުގެ މަހާސިންތާއަށް ލ. އަތޮޅު ވެސް ވަނީ ގުޅިފައެވެ. އެހެންކަމުން ދެކޮޅުގެ އަތޮޅުތަކުގެ މަހާސިންތާގައި މިހާރު ހިމެނެނީ ފަސް އަތޮޅެވެ. އެއީ އައްޑޫ، ފުވައްމުލައް، ގދ. ގއ. އަދި ލ. އަތޮޅެވެ.
-
ދެކުނު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
މީގެ 60 އަހަރު ކުރިން ދެކުނުގެ އަތޮޅުތައް ގުޅިގެން ވަނީ ވަކި ދައުލަތެއް އުފައްދާފައެވެ. އައްޑޫ އާއި ފުވައްމުލަކާއި ހުވަދޫ ގުޅިގެން އުފެއްދި ދައުލަތަށް ކިޔަނީ އެކުވެރި ސުވާދީބު ޖުމްހޫރިއްޔާއެވެ. އެ ދައުލަތް އިއުލާން ކުރީ 1959 ވަނަ އަހަރު ޖަނަވަރީ މަހުގެ 03 ވަނަ ދުވަހުއެވެ. ހަތަރު އަހަރާއި އަށް މަހާއި 20 ދުވަހަށްފަހު، އެ ޖުމްހޫރިއްޔާ އުވުނީ 1963 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ސުވައިދީބުގެ ރައީސަކީ އައްޑޫ، ހިތަދޫ، އަބްދުﷲ އަފީފެވެ.