ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫ އާއި ކާޑެއްދޫ އެއާޕޯޓް ބްރިޖަކުން ގުޅާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ތިނަދޫގެ ދެ މަޖިލިސް މެމްބަރުން ކަމަށްވާ މުޣުނީ އާއި އަބްދުﷲސަނީފުގެ އިތުރުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިރޭ ވަނީ ރައީސް ސޯލިހާ ބައްދަލު ކުރައްވާފައެވެ.
މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމަށްފަހު “ހުވަދޫ އޮންލައިން”އަށް މައުލުމާތު ދެއްވަމުން މުޢުނީ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުމަށްފަހު، ތިނަދޫ އާއި ކާޑެއްދޫ ގުޅާލުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ. މުޣުނީ ވިދާޅުވީ ތިނަދޫ އާއި ކާޑެއްދޫ ގުޅާލުމުން، އިގްތިސާދީ ގޮތުން އަތޮޅަށާއި ތިނަދޫއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ކާޑެއްދޫ ހެދުމަށްފަހު، ތިނަދޫއާ ގުޅާލާނެ ކަމަށް. މިއީ ވަރަށް ބޮޑު އުފަލެއް. ހުވަދޫއަށް ލިބޭ ކުރިއެރުމެއް
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ

ރައީސް މައުމޫންގެ ވެރިކަމުގައި 1993 އަހަރު ހުޅުވި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫއާ ދެމެދު 3.7 ކިލޯމީޓަރު ހުރެއެވެ. އަދި ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު ދެ ފަޅުރަށް އޮންނައިރު، ދެ ކަނޑުއޮޅިއެއް ވެސް އޮވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ދެ އެއާޕޯޓް އޮޕަރޭޓް ކުރަމުންދާއިރު، އެ އަތޮޅުގައި އިތުރު ދެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓެވެ.
މީހުން ދިރިއުޅޭ 18 ރަށާއި ފަސް ރިސޯޓާއި 176 ފަޅު ރަށުގެ މައްޗަށް އެކުލެވޭ ހުވަދު އަތޮޅުގެ އާބާދީއަކީ 34،433 މީހުންނެވެ. ހުވަދޫ އިދާރީ ގޮތުން ދެބައަކަށް ބަހާފައިވާއިރު، ގއ. އަތޮޅުގެ އާބާދީއަކީ 14،310 އެވެ. އަދި ގދ. އަތޮޅުގެ އާބާދީއަކީ 20،123 އެވެ.
