ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ، ގދ. ފަރެސްމާތޮޑާ ރައްޔިތުން ނުކުމެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފިއެވެ.
މަސްވެރި އާއިލާތަކެއް ދިރިއުޅޭ ފަރެސްމާތޮޑާގައި މިއަދު ކުރި މުޒާހަރާގައި ބައެއް މަސްވެރިން ކަންބޮޑުވުންފާޅުކުރީ މަހަށް ހަމަ އަގު ހޯދައިދީފައި ނުވާތީއެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. ކެމްޕެއިން ތެރޭގައި ހުވަދޫއަށް ވަޑައިގެން، މަސްވެރިންނާ ބައްދަލު ކުރައްވައި، އެ ވައުދު ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުން އަދިވެސް މަސްވެރިން ބާނާ މަހުގެ އަގު ބޮޑުކޮށްފައެއް ނުވެއެވެ.
ފަރެސްމާތޮޑާގައި ކުރި މުޒާހަރާގައި ބައިވެރިވި ބައެއް މަސްވެރިން ގޮވާލީ ވިއްކާ މަހަށް ވަގުތުން ފައިސާ ނުލިބި، މަސްވެރި އާއިލާތަކަށް ދަތިތައް ކުރިމަތިވާތީ އެކަން ހައްލު ހޯދައިދިނުމަށެވެ. އަދި އައިސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އަވަސް ފިޔަވަޅުތަކެއް އެކަމަށް އަޅައިދިނުމަށެވެ.

މަސްވެރިންގެ ޝަކުވާތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން މަސްވެރިން ކުރި މުޒާހަރާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށާއި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މެސެޖުތަކެއް ރައްދުކޮށްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ދޭން ބުނި ހަމަ އަގު ހޯދައި ދިނުމަށާއި މަސްކިރާ ބޯޓުތައް އެކި ސަރަހައްދުތަކަށް ފޮނުވައިދިނުމަށް މަސްވެރިން އެދިފައިވެއެވެ.
ހުވަދޫއަކީ ރާއްޖޭގެ އެންމެ ގިނަ މަސްވެރިން ނިސްބަތްވާ އަތޮޅެވެ. އެ އަތޮޅުގައި މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށްތަކުގެ ތެރޭގައި ފަރެސްމާތޮޑާވެސް ހިމެނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފަރެސްމާތޮޑާގައި 79 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ނިންމާފައިވެއެވެ. އެއާޕޯޓުގެ މަޝްރޫއާއި މަގު ހެދުމާއި ކޯޒްވޭއަކުން އެއާޕޯޓާ ގުޅުވާލުމާއި ބަނދަރު ހެދުމަށް ވެސް ބަޖެޓުކޮށްފައިވެއެވެ.