ގއ. ވިލިނގިލީގައި ހުވަނި އާދަޔާ ހިލާފަށް އިތުރުވެ، ރަށުގެ އާންމު ދިރިއުޅުމަށް ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
ވިލިނގިލީ ގަސްތަކުގައި ހުވަނި އަޅައި، ބައެއް ގެތަކަށް ވެސް ހުވަނި ވަދެ، އުނދަގޫތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑިވެފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ހުވަނި ޖެހިގެން، ގައިހިރުވައި ފިތް ނަގައިގެން ހޮސްޕިޓަލުން ދަނީ ފަރުވާ ހޯދަމުންނެވެ.
ހުވަނީގެ އުނދަގޫ ރަށުގެ މޭވާ އަޅާ ގަސްތަކަށް ވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އަނބުގަސްތަކާއި ޖަންބުގަހާއި ފޭރުގަސްތަކުގައި ވެސް ވަނީ ހުވަނި އަޅާފައެވެ.
ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހުވަނި އަޅާފައިވަނީ ވިލިނގިލީ އުތުރު ސަރަހައްދުގެ 35 ގެއެއްގައި ކަމަށެވެ ހުވަނި ގައިގައި ޖެހިގެން، އުނދަގޫތަކެއް ކުރިމަތިވާތީ 20 ވަރަކަށް މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވިލިނގިލީ ކައުންސިލްގެ މެމްބަރު ހަބީބު ހަސަން ވިދާޅުވީ ހުވަނި އެ ރަށުގައި އަޅާފައި ވަނީ މީގެ ހަ މަސް ކުރިން ކަމަށާއި އޭގެ އުނދަގޫ ބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެފައި ވަނީ މިދިޔަ މަހުގައި ކަމަށެވެ. ހުވަނި ނައްތާލުމަށްޓަކާ ކައުންސިލާއި ހޮސްޕިޓަލް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ހުވަނި ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން އިތުރު އެއްބާރުލުމެއް ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ހަބީބު ވިދާޅުވީ ހުވަނި އެ ރަށުގައި އާންމުވާން ފެށުމުން، ކަމާބެހޭ އިދާރާތަކުން ލަފާދިނީ ގަސްތަކަށް އޯމޯ ފެން ޖެހުމަށް ކަމަށާއި ނަމަވެސް އެއީ ދާއިމީ ހައްލަކަށް ނުވި ކަމަށެވެ.
ހުވަނި އާދަޔާ ހިލާފަށް އިތުރުވުމުން، ގަސްތައް ކޮށަން ވަނީ ފަށާފައެވެ. އަދި ބައެއް ގަސްތައް ވަނީ ކަނޑާލާފައެވެ.
ހުވަންޏަކީ ރާއްޖޭގެ ގަސްގަހުގައި އާންމުކޮށް އަޅާ ފަންޏެކެވެ. މި ފަނި އިންސާނުންނަށާއި ތަފާތު ގަސްގަހަށް ގެއްލުންދެއެވެ. ހުވަނީގެ ސަބަބުން 500 އަށް ވުރެ ގިނަ ވައްތަރުގެ ގަހަށް ގެއްލުން ލިބޭ ކަމަށް ދުނިޔޭގެ ރެކޯޑުތަކުން ދައްކައެވެ.
މީހުންގެ ގައިގައި ހުވަނި ޖެހުމުން ތަންތަން ހިރުވައި ކަހައި ދުޅަވެ، ތަދުވެ، އެތަންތަން ނޫފައިގެންފައި ހުރެއެވެ.