އެ ޒުވާނުންނަކީ ރަށުގެ އިޖުތިމާއީ ހަރަކާތުގައި ނަމޫނާއެކެވެ. ތަފާތު އެކި މުނާސަބަތުތަކާ ދިމާކޮށް، އެކި ހަރަކާތްތައް އެ ޒުވާނުން ހިންގައެވެ. އިޖުތިމާއީ ރޫހު އާލާ ކުރުމަށް ބުރަ މަސައްކަތެއް މިހާރު ވެސް އެ މީހުން ކުރަމުންދެއެވެ. އެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވެނީ ގއ. ވިލިނގިލީ އިރުއުތުރު ފަރާތުގައި ބީޗެއް ތަރައްގީ ކުރުމަށް އެ ޒުވާނުން ފެށި މަސައްކަތެވެ. އެ މަސައްކަތުގައި އެ ޒުވާނުން ވަނީ ކުރި ހޯދާފައެވެ. ގޮންޖެހުންތައް ގިރާކޮށް، ނަލަ ރީތި ގޮނޑުދޮށެއް މިހާރު ވަނީ ތަރައްގީކޮށްފައެވެ. ވިލިނގިއްޔަށް އެ ސަރަހައްދު މަޝްހޫރުވެފައި ވަނީ “ލަވް ޕޮއިންޓް”ގެ ނަމުންނެވެ.
ލަވް ޕޮއިންޓް ތަރައްގީ ކުރުމުގައި ހަރަކާތްތެރިވާ ވިލިނގިލީ، ހިޔަލީގެ، ނަސްރުﷲ ރަޝީދު ބުނީ އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރި އެންމެ ބޮޑު މަސައްކަތަކީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ މިފްކޯގެ 210 ޓަނުގެ ފައިބަރު ބޯޓު ނެގުމަށް ކުރި މަސައްކަތެވެ. އެއީ ގޮންޖެހުން ބޮޑު، ބުރަ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. އެ ބޯޓު ފެނުން މައްޗަށް ނެގުނީ 21 ދުވަހުން ކަމަށާއި މަސައްކަތް ފެށިއިރު ބައެއް މީހުން އެކަން ނުވާނެ ކަމަށް ވެސް ބުނި ކަމަށެވެ.
“ބައެއް މީހުން ބުނި ތިއީ ނުވާނެ ކަމެކޭ. ތިއީ ކަލޭމެންނަން ކުރެވޭނެ ވަރުގެ ކަމެއް ނޫނޭ. އެހެން ބުނާ އެއްޗަކަށް ބެލުމެއް ނެތި އަޅުގަނޑުމެން ދިޔައީ މަސައްކަތައިގެން ކުރިއަށް. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އެކި ފަންނުގެ ޒުވާނުން. އެ ޒުވާނުންގެ ހުނަރުން އެކަން ވާނެ ކަމަށް އަބަދުވެސް އަޅުގަނޑުމެން ގަބޫލުކުރިން،” ނަސްރުﷲ ބުންޏެވެ.

އެ މަސައްކަތުގައި އުޅުނު ވިލިނގިލީ، ހިރުދުގަސްދޮށުގޭ، މުހައްމަދު އީމާން ބުނީ ބޯޓު އޮތީ 7.5 މީޓަރު އަޑީގައި ކަމަށާއި ބޯޓު ފެންމައްޗަށް ނެގުމަށް 300 އަށް ވުރެ ގިނަ ފީފާ ބޭނުން ކުރި ކަމަށެވެ. އެ ފީފާތަކަށް ފެން އަޅައި އަޑިއަށް ފައްތައި، ބޯޓުގައި އައްސުމަށްފަހު ކޮންޕްރެސަރަކުން ފީފާތަކަށް ވައި އަޅައި ފެންމައްޗަށް ނެގުމަށް ގޮންޖެހުންތަކަށް ކުރިމަތިވި ކަމަށް އިމާން ބުންޏެވެ. ގިނަ އަދަދެއްގެ ފީފާތަކެއް ބޯޓުގައި އެއްސުމަށްފަހު، އިތުރު ބޯޓެއްގެ އެހީގައި ބޯޓު ދަމަން ފެށުމުން މަޑުމަޑުން ބޯޓު ތިލަވާން ފެށި ކަމަށާއި އެކަން ކާމިޔާބުވީ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ޑައިވިންއަށް ދިއުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައި ވާތީ، ހުސީނާ ދޯނީގެ ކެޔޮޅު އަލީ ފަހީމަށް ޝުކުރު އަދާކުރިއެވެ.
”މި މަސައްކަތް ކާމިޔާބުވުމުން، ގިނަ ބަޔަކު ހައިރާންވި. ގަބޫލު ކުރަން ވެސް ދަތިވެފައި ތިބީ. ބައެއް މީހުން ބުނި ދެން ތި ޒުވާނުންނަށް ނުވާނެ ކަމެއް ނޯންނާނެއޭ” އީމާން ބުންޏެވެ.

ބޯޓު ފެންމައްޗަށް ނެގުމުން މިފްކޯއިން ވަނީ މަސައްކަތުގެ އަގަށްވާ 155،000 ރުފިޔާ އެ ޒުވާނުންނަށް ދީފައެވެ. އެ ފައިސާއަށް އެ ޒުވާނުން ލަވް ޕޮއިންޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައި ބޮޑު ބައި ވަނީ ނިންމާފައެވެ. ވިލިނގިލީ ޒުވާނުން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން އެ ބީޗު ތަރައްގީ ކުރާށެވެ. ފުރަތަމަ ފިޔަވަހީގައި ހަޓުތައް ހަދައި ބާބެކިއު ސްޓޭންޑުތައް ކޮންކްރީޓުން ވަނީ އަތުރާލާފައެވެ. އަދި ބެންޗުތަކާއި ޖޯލިފަތިތައް ހަދައި، އެތަން ޒީނަތްތެރި ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ޒުވާނުންގެ އެ މަސައްކަތުގެ ދެ ވަނަ ފިޔަވަހީގައި ފަތާ ފެންގަނޑެއް އެ ސަރަހައްދުގައި ހެދުމަށް ވަނީ ނިންމާފައެވެ. އޭގެ ފަހުން ފާލަމަކުން ގުލާލާނެ ޕެވީލިއަންނެއް މޫދުގައި އެޅުމަށް ވަނީ ނިންމާފައެވެ.

ލަވް ޕޮއިންޓް ތަރައްގީ ކުރުމުގެ މަސައްކަތާއެކު ރަށުގެ އިޖުތިމާއީ މަސައްކަތުގައި އެހީތެރިވުމަށް އެ ޒުވާނުން ވަނީ “ވިލިނގިލީ ވޮލެންޓިއަރސް އެސޯސިއޭޝަން”ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައެވެ. ހިލޭ ސާބަހަށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރާ އެ ޒުވާނުންގެ އެދުމަކީ ރައްޔިތުންގެ އެއްބާރުލުމާ އެއްވަރަށް މުއައްސަސާތަކުން ވެސް އެ ޒުވާނުންގެ މަސައްކަތަށް އެހީތެރިވެދިނުމެވެ.
މިހާރު ބީޗް ތަރައްގީ ކުުރުމުގެ ދަވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުތަން ވަނީ ނިމިފައެވެ. ދެން އޮތީ ތިން ވަނަ ފޭސްގެ އެންމެ ބޮޑު މަސައްކަތް ކަމުގައިވާ ފަތާ ފެންގަނޑާއި ފާލަން އޭޅުމުވެ.

އެ ޒުވާނުން ތަރައްގީ ކުރި ބީޗުގެ ނަތީޖާއަކަށްވީ ރަށުގެ ކައިވެނި ހަފްލާތަކާއި އެކި މުނާސަބަތާ ގުޅުވައިގެން ހަފްލާތައް ވެސް ބާއްވަނީ އެތަނުގައެވެ. ހަވީރު ފިންޏަށް ރަށުގެ ގިނަ ބަޔަކު އެތަން ބޭނުންކުރަމުންދާއިރު، ރޭގަނޑު އެ ބީޗު ދިއްލާފައި ވަނީ ސޯލާ ޕެނަލް ބޭނުންކޮށްގެންނެވެ. ކައިރި ރިސޯޓުތަކުން ވިލިނގިއްޔަށް އަންނަ ފަތުރުވެރިންވެސް އެ ބީޗު ބޭނުން ކުރެއެވެ.
ވިލިނގިލީ ޒުވާނުންގެ މި މަސައްކަތަކީ ރާއްޖެއަށް ނަމޫނާއެކެވެ. ނުވާނެ ކަމަށް ބުނި ކަންތައް އެ ޒުވާނުން އެވަނީ ކޮށްފައެވެ. ކަށިން ހިތްވަރު ނެރެ، ކާމިޔާބު އެ ވަނީ ހޯދާފައެވެ.