ސުވަދުންމަތި، މިއީ 1194 އަހަރު ލިޔެވުނު އިސްދޫ ލޯމާފާނުގައި ހުވަދު އަތޮޅަށް ކިޔާގޮތެވެ. “ސުވަ“ މި ބަސް މުސްކުޅި ދިވެހި ބަހުގައި ”ކިތަންމެ، ބައިވަރު، އަދަދު ނުކުރެވޭހާ ގިނަ“ މާނައިގައި ބޭނުން ކުރެއެވެ. ސުވަދުންމަތި، މި ނަމުގެ މާނައެއްކަމުގައި ވިސްނެނީ ބައިވަރު ރަށްރަކުގެ މައްޗަށް އެކުލެވިގެންވާ އަތޮޅު ނުވަތަ ހިންގުމުގެ ބައިގެ ގޮތުގައެވެ. އެހެންކަމުން ދިވެހި ތާރީހީ އެންމެ މުސްކުޅި ލިޔުމުން މި އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“އެވެ. މި ނަން ފަހަކަށް އައިސް ”ސުވަދޫ“ މިހެން ވެސް ކިޔައެވެ. އަދި އޭގެ ފަހުން ”ހުވަދުންމަތި“ އަދި ”ހުވަދޫ“ މިހެން ކިޔަންފެށީއެވެ.
ފެނުން މައްޗަށް އަރައި، ހިކިފަސް ތަންތަނުގެ ގޮތުގައި ބަލާ 226 ރަށް ހުވަދު އަތޮޅުގައި އޮވެއެވެ. މީހުން ދިރިއުޅެނީ 18 ރަށުގައެވެ. މުޅި ހުވަދު އަތޮޅުގެއާބާދީއަކީ މިދިޔަ އަހަރު 34،433 މީހުންނެވެ. އިދާރީ ގޮތުން އަތޮޅު ދެބައަކަށް ބަހާފައިވާއިރު، ގއ. އަތޮޅުގެ އާބާދީއަކީ 14،310 އެވެ. އަދި ގދ. އަތޮޅުގެ އާބާދީއަކީ 20،123 އެވެ.
ދިވެހި ބަހުގެ ގޮތުން ބަލާނަމަ ހުވަދު އަތޮޅުގައި ވާހަކަ ދައްކާ އުޅެނީ ވަކި ލަހުޖާއަކުންނެވެ. ލަހުޖާއަކީ ބަސްބުނާ ރާގު ނުވަތަ ވާހަކަ ދައްކާ ގޮތެވެ. ތާރީހީ ލިޔުންތެރިން ފާހަގަ ކުރައްވާ ގޮތުގައި ދިވެހި ބަހުގެ ވަރަށް ބޯދާ ގޮތްތަކާއި ބަސްތައް އެކުލެވިގެންވަނީ ހުވަދޫ ބަހުރުވައިގައެވެ. ދިވެހި ބަސްފޮތުގައި ނަން ދީފައި ނުވާ ކަންކަމާއި އެއްޗެއްސަށް ހުވަދޫ ބަހުރުވައިގައި ނަން ދެވިފައިވެއެވެ.
ހުވަދޫއަކީ އިހުގައި ފުދުންތެރި އަތޮޅެކެވެ. އޭގެ ސިއްރަކީ ރާއްޖެއިން ބޭރާއި ސީދާ މުވާސަލާތު ހިނގަމުން އައުމެވެ. ކުރީ ޒަމާނުގައި ހުވަދޫ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި ވަރަށް ގިނަ އޮޑި ކޮންމެ އަހަރު ރާއްޖެއިން ބޭރަށް ދަތުރެއެވެ. އަތޮޅުގެ މީހުންގެ މުހުތާދުތައް ފުއްދުމަށް މުދާތައް ގެންނަނީ އަށްޓެރި ގައުމުތަކުންނެވެ. އިގްތިސާދީ ގޮތުން މުޅި އަތޮޅު އޮތީ އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ. ދަތިވެގެން މާލެއަށް ބަލަބަލާ ތިބޭކަށް ނުޖެހެއެވެ.
ހުވަދޫގެ ވާހަކަތަކުން މި ހިމަނާލީ އަދި ޒައްރެއްގެ މިންވަރެވެ. މިއަށް ވުރެ ގިނަ، ވާހަކަތައް އެބަހުއްޓެވެ. ލިޔުމުގައި މި ހުރީ ހަމައެކަނި ސުރުހީތަކެކޭ ވެސް ބުނެވިދާނެއެވެ. ތަފްސީލުކޮށް ލިޔެލުމުން، އެކަމުގެ ތެރެއަށް ގެނބިގެން ހިނގައިދާނެފަދަ މުހިއްމު ހާދިސާތަކެއް ހުވަދޫގައި ހިނގާފައިވެއެވެ. އެހެން ފުރުސަތެއްގައި އެ ވާހަތައް ތަފްސީލުކޮށްލާނީއެވެ.
ނޯޓް: މި ލިޔުމުގައި ހުރި މައުލުމާތު ނަގާފައި ވަނީ ”ކުރީގެ ހުވަދު އަތޮޅު“ ފޮތުންނެވެ. އަދި ރައީސް އޮފީހުން ޝާއިއުކުރާ ”އައިލްސް“ގެ ބައެއް ތަފާސްހިސާބުތައް ހިމެނެއެވެ.
ހުވަދު އަތޮޅު މިމާލެ އަށްވުރެ ކުރިއަރާގެން ގޮސްދާނެތީ އިބްރާހިމް ނާސިރު އަށް ހަޖަމް ނުވެގެން ސިފައިންފުނުވާ ގދ.ތނަދޫ އަރާ ތަޅާޅި.