ސުވަދީބުގެ ދުވަސްވަރު ނާސިރުގެ ސަރުކާރުން ތިނަދޫ ފަޅުކުރުމުން ރާއްޖޭގެ އިގްތިސާދު ކޮވިޑަށްވުރެ ދަށަށް ދިޔަ ކަމަށް ރައްޔިންތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ގއ. އަތޮޅު ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލް އަދި ރަށު ކައުންސިލްތައް ގުޅިގެން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރުކާރުން ތިނަދުއަށް އަރާ، އެރަށް ފަޅުކުރުމުން ޖެހިގެން އައި އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ.
”ހުވަދު އަތޮޅަށް ނުވަތަ ތިނަދުއަށް، މާލޭގެ ސަރުކާރުން އަރާ ތިނަދޫ ފަޅުކުރުމަށްފަހު، ދެން ވިދިގެން އައި އަނެއް އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ދަށަށް ދިޔަ، މިއަދު ކޮވިޑް ހާލަތުގައި ދަށަށް ގޮސްފައި މިވާ މިންވަރަށް،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ހުވަދު އަތޮޅަކީ މަސްވެރި އަތޮޅެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެކަމުގެ ސަބަބުން އެ ދުވަސްވަރު މަސް ބޭނުމާއި މަހަށް ދިޔުން އިންތިހާއަށް ދަށަށް ދިޔަ ކަމަށެވެ. ނަތީއްޖާއަކަށްވީ، އެ ދުވަސް ޖެހިގެން އައި އަހަރު ރާއްޖެ ބަޑަށް ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މަސްބޭނުމާއި މަސްހަަށް ދިޔުން އިންތިހާށް މަދުވެ، މަސްވެރިކަން ދަށްވެ، މަހުން ލިބޭ އެއްޗެއް ނެތުނީމަ، އެދުވަހު ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ އުފައްދަމުން ދިޔައީ ހުވަދޫގައި ކަމުން އަދި ދެކުނުގެ އަތޮޅުތަކުގައި ކަމުން، ރާއްޖެ އެކީގައިހެން އައިސް އެ ވިދިގެން އައި އަހަރު ދިޔައީ ބަޑަށް ޖެހިގެން،“ ރައީސް ނަޝިދު ވިދާޅުވިއެވެ.
ދެކުނުގެ ރައްޔިތުންނަކީ އޭރު ފުދިގެން އުޅުނު ބައެކެވެ. ކާބޯތަކެތި ގެންނަނީ ސީދާ ރާއްޖެއިން ބޭރުންނެވެ. ސިލޯނަށް ދަތުރުކުރާ ގިނަ އޮޑިފަހަރު ހުވަދޫގެ ގިނަ ރަށްތަކުގައި އޮވެއެވެ. ޚާއްސަކޮށް، ތިނަދޫގައެވެ. ހުވަދޫގެ އުފެއްދުންތެރިކަން އިތުރުވުމުގެ ނަތީޖާއަކީ ކޮންމެ އަހަރަކު ”ޓެކްސް“ގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރަށް ދައްކަން ޖެހުމެވެ.
ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ 1959 އަހަރުގެ ޖެނުއަރީ މަހުއެވެ. ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނެސް، ސުވައިދީބު އުވާލާފައި ވަނީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ދެކުނުގެ ހަތަރު އަތޮޅު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށަށް ގެނައުމަށް، އަސްކަރީ ހަތިޔާރާ އެކ،ު އޭރުގެ ސަރުކާރުން ހިންގި ދާހިލީ ހަމަނުޖެހުމުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ހަވަރު ތިނަދޫ މީހުންނަށެވެ.